ކަރުނައިން ފުރިފައިވާ މޫނަކާއެކު ކޮޓަރީގެ އެނދުގައި އިށީނދެލައިގެން މަދީހު އިނެވެ. އަތުގައި އޮތް ބޭސް ފަތްގަނޑުގައި އިން ހަތަރު ބޭސްގުޅަ ނެގުމަށްފަހު އެއްފަހަރާ އަނގައަށްލައި ދިރުވާލިއެވެ. އެ ބޭހުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ރުއިމަށް ލުޔެއް ހޯދުން ހެއްޔެވެ؟ އޭނާ އެހުރީ ހުންއައިސް ހެއްޔެވެ؟ ގައިގެ ތަނެއްގައި ރިއްސަނީ ބާއެވެ؟ އެ ބޭސް އެކެއީ ކޮންމެވެސް ބޭނުމަކުކަން ހަމަޔަގީނެވެ. ކުޑަ ހިނދުކޮޅެއް ފަހުން އެނދުން ތެދުވެގެން ގޮސް, ކޮޓަރީގައި ރީތިވާ ސާމާނު ބަހައްޓާ މޭޒުމަތީގައި, ތައްޓަކަށް އަޅާފައި ހުރި ބުއިމެއް ބޯލިއެެވެ. އެއްފަހަރާއި ހަތަރު ގުޅަ ބޭސް ކާލުމުން އަރުން އެ ގުޅަތަކަށް ދިއުމަށް އުނދަގޫވުމުން ކަމަށް ވެސް ވެދާނެއެވެ. އެނގޭހާވެސް ކަމަކީ އޭނާގެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތްކަމެވެ.
ކަލޭމެންގެ މައްޗަށް ތިޔަ ރޯގާއަށްވުރެ ބޮޑަށް ފާވެފައި އޮތް ބަލިމަޑުކަމަކީ ޖާހިލުކަމެވެ. ބަލަގަ އެ އެއްޗެއް ހުރިވަރަށްވުރެ އިތުރު ކަމަށް ލޯމައްޗަށް ދައްކާލާ ދައްކާލުމަކުން ހަގީގަތުގައި އެ އެއްޗެއް އިތުރުވާނެހޭ؟ ނޫނެކޭ. އެ އެއްޗެއްގެ އަސްލު، ތަގުދީރަކަށްވެސް، ކާއިނާތުގެ އުސޫލުތަކަކަށްވެސް، އަދި ކިއެއްތަ، ތަންދޮރު ފިލާ އިންސާނަކަށްވެސް އޮޅުވައެއް ނުލެވޭނެއެވެ.